ދިވެހިރާއްޖެއަކީ އެއްހާސް އަހަރަށްވުރެ ގިނަ ދުވަހު ވަކި ވެރިކަމެއްގެ ދަށުގައިިި ރައްޔިތަކު ވޭތުކޮށްފައިވާ ރާއްޖެއެއްކަން ތާރީޚީ ލިޔެކިޔުން ތަކުން އެނގެއެވެ. އެންމެ އިހުގެ ދުވަސްތައް ދިވެހިން ހޭދަކޮށްފައި ވަނީ ޣައިރު މުސްލިމުންގެ ގޮތުގައިކަން ވެސް ތާރީޚީ ތަފާތު ބިނާތަކުންނާއި ލިޔެކިޔުން ތަކުން އެނގެން އެބަހުއްޓެވެ. އަދި ވަރަށް ފަހަކާ ޖެހެންދެން ރާއްޖޭގައި އޮތީ ރަސްކަމެއްކަން ވެސް ތާރީޚީ ލިޔެކިޔުން ތަކުން އެނގެއެވެ.
ދިވެހިރާއްޖެ އާއި ދިވެހި ތާރީޚަށް ލޯބިކުރާ ކޮންމެ މީހަކުވެސް ދިވެހިރާއްޖެ ތާރީޚުގެ ތެރެއިން ކަޑަތު ކޮށްފައިވާ ދުވަސްތައް ވޭތުވެފައިވާ ގޮތުގެ ތަފްސީލު އެނގުމަށް ޝަވްޤުވެރި ވާނެކަން ކަށަވަރެވެ. ނަމަވެސް ދިވެހިބަހުން މިފަދަ މަޢުލޫމާތު ލިބޭނެ ވަސީލަތްތައް މަދުކަމީ މިފަދަ މީހުންގެ ހިތުގައި އުފެދިފައިވާ ޝަވްޤުވެރިކަމަށް އޮތް ވަރަށް ބޮޑު ހުރަހެއްކަން ޔަޤީނެވެ. އެހެންކަމުން މާތް ރަސްކަލާންގެ ވާގިފުޅާ އެކު ދިވެހިރާއްޖޭގެ ތާރީޚާއި ބެހޭ ލިޔުންތަކަށް ހޯދައިދެވޭ އައު އަލި މަގެއް ކޮށައި ދިނުމުގެ އުއްމީދުގައި މި ބުލޮގު ތާޢަރަފް ކުރަމެވެ.
މި ބުލޮގުގައި މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚާއި ބެހޭ ގޮތުން ދިވެހި ބަހުން ލިޔުއްވާފައިވާ ލިޔުއްވުން ތަކާއި އެހެނިހެން ބަސް ބަހުން ދިވެހިރާއްޖޭގެ ތާރީޚާއި ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުއްވުންތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެންނާއި އަޅުގަނޑަށް ވެވުނު މިންވަރަކުން އަމިއްލަ ހޯދުންތައް ހިމެނުމަށް އުއްމީދު ކުރަމެވެ.
އަޅުގަނޑުގެ ދުޢާ އަކީ އަދި އުއްމީދަކީ ދިވެހިރާއްޖޭ ތާރީޚަށް ލޯބި ކުރާ ގިނަ ބަޔަކަށް މި ބުލޮގުގެ ސަބަބުން ފައިދާކުރާނެ ގޮތް މެދުވެރި ކޮށްދެއްވުމެވެ.
No comments:
Post a Comment